ހެކިންގެ ހެކިބަސް ނުލިބުމާ، މައްސަލަ ނުނިމި ގިނަ ދުވަސްވެގެން ދަނީ ހެކިބަސް ނުލިބުމުގައި ހުރި ގޮންޖެހުންތުގެ ސަބަބުންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މައްސަލަތައް ނިންމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާފައި ވަނީ މިދިޔަ މަހު ކޯޓްތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބުތަކާއި، މައްސަލަތައް ސާބިތުކުރުމުގައި ދިމާވި މައްސަލަތަކަށް އަލި އަޅުވާލާފާ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ކުރެވޭ މިންވަރާއި، ހާސިލުކުރެވޭ މިންވަރު މިހާރު ކޮންމެ މަހަކުވެސް އެއޮފީހުން ދަނީ ހާމަކުރައްވަމުންނެވެ.

ޝަމީމް ވިދާޅުވީ، މިދިޔަ މަހު އެ އޮފީހުން 167 މައްސަލައެއްގައި، 225 މީހަކަށް ދައުވާކުރަން ކޯޓަށް ހުށައެޅި ކަމަށެވެ. އަދި އޮކްޓޯބަރު މަހު އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލަތަކަކީ، މަސްތުވާތަކެއްޗާގުޅޭ އެކިއެކި ދައުވާތަކާއި، ޓެރަރިޒަމާ ގުޅޭ ދައުވާތަކާއި، އެންޓި ޓޯޗާގެ އަމަލުތަކާ ގުޅުންހުރި ދައުވާ އާއި ފުލުހުން ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހު ސާބިތުވި މައްސަލަތައް ނިންމަން އެވްރެޖްކޮށް 553 ދުވަސް ނެގި ކަމަށާއި، ސާބިތު ނުވާ ކަމަށް ނިންމި މައްސަލަތައް ނިންމުމަށް 870 ދުވަސް ނެގި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވަނީ މައްސަލަތައް ސާބިތުނުވި މައްސަލަތަކުގެ ދައުވާ ކޯޓަށް ހުށަހެޅިފައިވަނީ 2009، 2012، 2018 އަދި 2019 ގެ އެއް މައްސަލައާއި، 2020 ގެ ދެ މައްސަލައާއި 2021 ގެ އެއް މައްސަލަ ކަމަށެވެ. އަދި އެ ހުރިހާ މައްސަލައެއް ވެސް ސާބިތު ނުވެފައި އޮތީ ހެކިންގެ ހެކިބަސް ނުލިބިގެން ކަމަށް ޝަމީމް ވިދާޅުވި އެވެ.