އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ހޯދުމާއި ހޯދައިދިނުމުގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އޭސީސީން ބުނިގޮތުގައި އެ މައްސަލަ އަކީ އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް އަދި ޗުއްޓީއެއް ނެގުމަކާނުލައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ މައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 19 ޖޫން 2018 ގައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރަޝީދު އެ ކުންފުނީގެ އެސިސްޓެންޓް އެޗްއާރް މެނޭޖަރަށް ފޮނުވާފައިވާ މެމޯގައި، 21 ޖޫން 2018 އިން ފެށިގެން، އެ ކުންފުނީގައި މަސައްކަތްކުރާ 16 މުވައްޒަފަކު އެ ކުންފުނީގެ ބޭނުމަކަށް ކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދިފައިވާކަން އެނގެއެވެ.

އޭސީސީން ބުނީ 2018 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބިއިރު، މި މުވައްޒަފުން އޮފީހަށް ހާޒިރުނުވާ ދުވަސްތަކަށްވެސް މުސާރައާއި އެލަވަންސް ދީފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ދީފައިވާ ރިލީޒްއަކީ، ރިލީޒްދިނުމުގައި އަމަލުކުރަމުންދާގޮތާ ޚިލާފަށް ދީފައިވާ ރިލީޒްއެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެ ދުވަސްވަރު ރިލީޒްދީފައިވާ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް، އެފަރާތްތަކުން އޮފީހަށް ހާޒިރުވިކަމަށް ދެއްކުމަށްޓަކައި، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލުގެނައުމަށް، މުހައްމަދު ރަޝީދު، އެ ކުންފުނީގެ އައިޓީ މުވައްޒަފުންނަށް އަންގާފައިވާކަން، ތަހުގީގަށް ފާހަމަކުރެވިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މުހައްމަދު ރަޝީދު ވިދާޅުވީ އެ ދައުވާއާ ކުރިމަތިލާން އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.