އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކިއުރިޓީ ރޫމް ފަޅައިލައި ވައްކަންކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ނިމުނު މަހުގެ ފަހުކޮޅުގައި އިލެކްޝަނުގެ ސެކިއުރިޓީ ރޫމް ފަޅާލައި އެތަނުގައި ހުރި ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވަނީ ވަގަށް ނަގާފަ އެވެ. އަދި އޭގެ ތެރޭގައި ލެޕްޓޮޕް ފަދަ ތަކެތި ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އިލެކްޝަންސްގެ ސެކިއުރިޓީ ރޫމަކީ އިންތިހާބު ތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސް ބަހައްޓާފައި ހުންނަ ކޮޓަރި ކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، މައްސަލަ ފުލުހުން އިތުރަށް ބަލައި ތަހުގީގު ކުރަމުން ގެންދާކަމަށެވެ.