ވިޓަމިން ސީ އާއި ޕްރޮޓީންސް އިން މުއްސަނދި ބްރޮކޮލީ އަކީ ސިއްހީ ގޮތުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ތަރުކާރީއެއް ނަމަވެސް ގިނަ ބަޔަކަށް ކަމުދާ ބާވަތެއް ނޫނެވެ

ބްރޮކޮލީގައި 90 ޕަސެންޓް ފެން އެކުލެވިގެން ވާއިރު، ހަތް ޕަސެންޓް ކާބްސްއާއި ތިން ޕަސެންޓް ޕްރޮޓީންސް އެކުލެވިގެންވެ އެވެ. ބޮރޮކޮލީގައި އެއްވެސް ވަރަކަށް ފެޓްސް އެކުލެވިގެންނުވެ އެވެ.

މިހެން މިކަންވާއިރު ބްރޮކޮލީ، ކޮންމެ ދުވަހެއްގައިވެސް ބޭނުންކުރާ ކާނާގެ ބާވަތަކަށް ހަދައިފިނަމަ، އެއީ އެތައް ގިނަ ފައިދާތަކެއް ހަށިގަނޑަށް ގެނެސްދޭ ކާނާގެ ބާވަތެކެވެ. އޭގެ ސަބަބުތައްވެސް ގިނަ އެވެ.

އެގޮތުން ބްރޮކޮލީ އަކީ މަދުން ކޭނަމަވެސް ހައިކަން ފިލުވައިދޭ އެއްޗެކެވެ. ހަމައެހެންމެ ކޮންމެ ދުވަހަކު ބްރޮކޮލީ ކެއުމުގެ ސަބަބުން އޭގައިވާ ވިޓަމިން ސީ، ހަށިގަނޑުގައިވާ ޓިޝޫތަކާއި މަސްތަކަށް ލިބިފައިވާ ކުދި ބޮޑު ގެއްލުންތައް އަވަހަށް ރަނގަޅުކޮށްދެ އެވެ.

އޭގެ އިތުރުން ބްރޮކޮލީ އަކީ ކެންސަރާއި ހަނގުރާމަކުރާ ކާނާއެކެވެ. އަދި ހަށިގަނޑުގައި އެއްވެސް ރިހުމެއްވާނަމަ، ރިހުން ކެނޑުވުމަށް ބޮރޮކޮލީ އެހީތެރިވެދެ އެވެ.

މީގެ އިތުރުން، 2003 ވަނަ އަހަރާއި 2006 ވަނަ އަހަރު ހަދާފައިވާ ދިރާސާތަކަކުން ދައްކާގޮތުގައި އުމުރުން ދުވަސްވުމުން ލޮލަށް ޖެހޭ ބަލިތައް ކަމަށްވާ ކެޓަރެކްޓް އަދި މެކިޔުލާ ޑިޖެނެރޭޝަން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބްރޮކޮލީ ކެއުމުގެ ސަބަބުން ކުޑަވެގެންދެ އެވެ.

ސަލްފާ ގިނަ އަދަދަކަށް އެކުލެވޭ ބްރޮކޮލީއަކީ ހަމުގެ ދުޅަހެޔޮކަމަށް އެހީތެރިވެދިނުމުގެ އިތުރުން އިންފެކްޝަނާ ދެކޮޅަށް ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ތަރުކާރީ އެކެވެ.