ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ހެނދުނު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ކުރި ޓްވީޓެއްގައި ބުނީ "ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ވަނީ ހައްޔަރު ކޮށްފައި" ކަމަށެވެ.
އައްބާސް އާދިލް ރިޒާގެ މައްޗަށް އަމާންކަމާއި ސުލްހަ ގެއްލޭ ގޮތަށް ތަކުރާރުކޮށް ހިޔާލުފާޅު ކުރި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
އައްބާސް އާދިލް ރިޒާ ހައްޔަރު ކުރީ އޭނާގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކުން އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ތުހުމަތު ކުރައްވާ އެކަމުގެ ބަދަލު ހިފުމަށް ގޮވައިލައިފައިވާ ކަމަށް ވިދާޅުވުމުންނެވެ.
އެ މައްސަލައާ ގުޅިގެން އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
މި މައްސަލަ އާ ގުޅިގެން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ. އަދި ޓެރެރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ގޮވައިލައި އެފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތެކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނަ އެކި ޤައުމުތަކުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ ޑިޕްލޮމެޓުން އެއްވެސް ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.
އިންޑިއާ އެމްބަސީގައި ހުޅުޖަހަން ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ ގޮވާލާފައިވާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މި އިންޒާރުދިން މައްސަލަ ސަރުކާރުން ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކުން ނަގާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފަ އެވެ.
އަދި މިފަދަ އިންޒާރުތައް މެދުވެރިކޮށް ރާއްޖޭގައި އުޅޭ ޑިޕްލޮމެޓުން ނުރައްކަލަކަށް ހުށަހަޅައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފަ އެވެ.