ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ ޕާޓީން މިރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ އެ މުޒާހަރާ އިން ޖުމްލަ 14 މީހަކު ހައްޔަރުކުރި ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުން ވަކިއެއްޗެއް ނުބުނެ އެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވީ އެސްއޯ ފުލުހުންނެވެ. ސިފައިން ވެސް މިރޭ ވަނީ ބަޑި ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފަ އެވެ.
ޕީޕީއެމްގެ ސަޕޯޓަރުން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް ބައިވެރިވެވަޑައިގަތެވެ.
ޔާމީންގެ މައްޗަށް ސާބިތުވީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދައުވާއެކެވެ.
ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމްގައި ގޯސްތަކެއް އެބަހުރި ކަމަށެވެ. އަދި އިސްތިއުނާފީ މަރުހަލާއިން ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.