ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕޮލިސް އިންޓެލިޖެންސްގެ ކުރީގެ ހެޑް އަހުމަދު ޝުހާދު ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްފި އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން ވަނީ ހަތް އޮފިސަރަކު ވަކިކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ޝުހާދު ހިމެނިވަޑައިގަންނަވަ އެވެ.

ޕޮލިސް ބޯޑުގެ އެ ނިންމުން ބާތިލްކޮށްދިނުމަށް އެދި ފަސް އޮފިސަރަކު ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެ ނިންމުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ ހުށަހެޅުއްވި އޮފިސަރުންގެ ތެރޭގައި ޝުހާދު ހިމެނިވަޑައިނުގަންނަވަ އެވެ.

ފުލުހުންގެ ހިދުމަތުން މިއަދު ނެރުނު އިންޓާނަލް މެމޯއެއްގައި ވަނީ ފުލުހުންގެ ރިޓަޔަމަންޓް ގަވައިދުގެ ދަށުން، މިދިޔަ ޖޫން 30 ވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ޝުހާދު ރިޓަޔާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ބުނެ އެ ފަސް އޮފިސަރުން ވަކިކުރަން ނިންމާފައިވަނީ ފުލުހުންގެ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންވެ، އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ވަނީ ބާތިލްކޮށްފަ އެވެ.

ދައުލަތުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.