އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އެ ކޯލިޝަނުގެ ސެނެޓުން ފާސްކޮށްފި އެވެ.

މި ގަރާރު ފާސްކުރީ ރޭ ބޭއްވި އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސެނެޓަރުންގެ އިއްތިފާގުންނެވެ.

މި ގަރާރުގައި ވާގޮތުން، ކްރިމިނަލް ކޯޓުން، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އިސްލާމީ ޝަރީއަތާ ގާނޫނުތަކާވެސް ހިލާފަށެވެ.

އަދި މިއީ އެމަނިކުފާނުގެ ޢަދާވާތްތެރިން ބޭނުންކޮށްގެން އިއްވި ފާސިގު ޙުކުމެއް ކަމަށްވެސް ގަރާރުގައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލަށްލީ އެމަނިކުފާނު ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން މަސައްކަތް ކުރައްވާތީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިމަށް ކަމަށެވެ. އެހެންވެ ޕީޕީއެމް އާއި ޕީއެންސީގެ ހުރިހާ މެންބަރުން އެކުގައި ތިބުމަށާއި ބައިބައިކުރަން ފުރުސަތު ނުދިނުމަށް އަޒުމު އާކުރުމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ.

މިގަރާރަށް ރޭގެ ސެނެޓް ބައްދަލުވުމުގައިވަނީ ގިނަ އިސްލާހު ތަކެއްވެސް ހުށައަޅާފަ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް، މުޅި ރާއްޖެ ނުކުތުމަށްވެސް ގަރާރުގައި ގޮވާލައިފައިވާއިރު، އެމަނިކުފާނު މިިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން ސުލްޙަވެރި އެއްވުންތަކެއް ސިލްސިލާ ގޮތެއްގައި ވަނީ ފަށާފަ އެވެ.

އަދި މި ހަފްތާގެ ހުކުރު ދުވަހު "ހަރާން ހުކުން" މި ނަމުގައި، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި މުޅި ރާއްޖޭގައިވެސް އަޑު އުފުލުމަށް ވަނީ ނިންމާފަ އެވެ.