ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނިގޮތުގައި އިދިކޮޅުން ރޭ ބޭއްވި މުޒާހަރާގައި ފަސް އަންހެނުންނައި 10 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި އެ އެންމެންވެސް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް، ތިން ދުވަސްވަންދެން މުޒާހަރާކުރަންމުން ގެންދާއިރު، އެ މުޒާހަރާކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެެއް ކުރުމާއި ގުޅިގެން ޔާމީން މިނިވަންކުރުމަށް ގޮވާލައި އެވެ.

ދައުލަތުން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.

ޔާމީންގެ އިތުރު ޝަރީއަތުގެ މަޖިލީހެއް މިއަދަށް ތާވަލްކޮށްފައިވާއިރު، މިއަދު ކުރިއަށް ގެންދާނީ ރ. އަތޮޅު ފުއްގިރި މައްސަލައިގެ އަޑުއެހުމެކެވެ.