މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހެންވޭރު ގެއެއްގައި ބޭބެއަށް ވަޅިން ހަމަލާދިން އަންހެން މީހާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ، އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

މިފަދަ ނުރައްކާތެރި ކުށެއް ކުރި މީހަކު އިތުރަށް ބަންދުގައި ބަހައްޓަން ނުފެނުނީ ކީއްވެ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ހ. އަލަވަލުގެ، ލަމްހާ ނަސީރު އެވެ. އުމުރުން 25 އަހަރުގެ ލަމްހާ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް އެ ކޯޓުން ޖެހި އެވެ.

ފުލުހުން ހައްޔަރުކޮށް ޓެސްޓް ހެދިއިރު ލަމްހާ ވަނީ މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވްވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެ މަރާމާރީއަކީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގައިދިޔަ ކަމެއްކަން އެނގިފައިވާކަމަށެވެ.

އެ މާރާމާރީގައި ޒަޚަމްވި 37 އަހަރުގެ މީހާއަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ ސެނެހިޔާ ހޮސްޕިޓަލަށެވެ. އޭގެފަހުން އޭނާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.