އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނާ ކެރޮން ރޮސްލާއާއި ބައްދަލުކޮށް އެ ކޯލިޝަނުގެ ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.

ނޫސްވެރިންނަށް މި ބައްދަލުވުމާއިގުޅޭ މައުލޫމާތު ދެމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ބައްދަލުވުމުގައި ރިޔާސީ އިންތިހާބާ ގުޅިގެން ޕީޕީއެމްގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާކަމަށެވެ. އެގޮތުން އިދިކޮޅު ލީޑަރު ޖަލަށްލުމަށް ފަހު ބާއްވާ އިންތިހާބަކީ އިންސާފުވެރި އިންތިޚާބެއްކަމަށް ގަބޫލު ނުކުރާކަމަށް ވެސް އިދިކޮޅުން ބުނެފައިވެ އެވެ.

ޕީއެންސީގެ މައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލުގައި ބަހައްޓާފައި ހުންނަތާ މިއަދަށް އެއް މަސް ދުވަސްވެގެން އައިއިރު އެމަނިކުފާނުގެ ހައްގުގައި އިދިކޮޅުން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަކަމަށާއި ބޭރު ދުނިޔޭގެ އެކި ފަރާތްތަކަށް ރައިސް ޔާމީނާ ދޭތެރޭގައި މި ސަރުކާރުން އަނިޔާވެރިވަމުންދާ މައްސަލަ ހިއްސާކުރަމުން އަންނަކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ހައްގުގައި އިދިކޮޅުން ޓަކި ނުޖަހާނެ ދޮރެއް ނުހުންނާނެކަމަށެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީނާ ދޭތެރޭ ކޮށްފައިވަނީ ނުހައްގު ހުކުމެއްކަން މިއަދު ބޭރު ދުނިޔެއިންވެސް ގަބޫލު ކުރާކަމަށާއި އެމަނިކުފާނުގެ ހައްގުގައި ކުރެވެން ހުރި ހުރިހާކަމެއް އިދިކޮޅުން ކުރާނެކަމަށެވެ.

އިނގިރޭސި ސަފީރާ ބައްދަލުކުރެވި ޓީމްގައި ރައީސް ޔާމީންގެ އިސް ލޯޔަރު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުވެސް ހިމެނެ އެވެ. ޑރ. ޖަމީލްވަނީ ޝަރީއަތުގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރާއި އަދި ހުކުމާ ގުޅޭގޮތުން ތަފްސީލް މައުލޫމާތު ސަފީރަށް އަރުވާފަ އެވެ.