އީދު ބަންދަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭންގެ ދަތުރުތައް އަތޮޅު ތެރެއަށް ފަށާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ބުނީ އަންނަ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުތައް އީދު ބަންދަށްފަހު ފަށާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ކެމްޕޭންގެ ތެރެއިން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައީސް ސޯލިހު ސަޕޯޓަރުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެޕާޓީން ބުނެ އެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ރަސްމީކޮށް ލޯންޗް ކުރުންވެސް އީދަށް ފަހު އޮންނާނެ ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފަ އެވެ.

އެމްޑީޕީން ބުނީ މިދިޔަ މަހުން ފެށިގެން އެ ޕާޓީން އަންނަނީ ވަރަށް ފޯރީގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ދޮރުންދޮރަށް ހިނގުމާއި ޕޯސްޓަރުތަކާއ ބެނާތައް ހަރުކުރުމާއި ޕާޓީ އަށް މެމްބަރުން އިތުރުކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

ވެރިކަން ކުރާ މައި ޕާޓީގެ އެމްޑީޕީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީންވެސް ދަނީ އީދު ބަންދަށްފަހު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލައްވާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރައްވައި 9 އޯގަސްޓްގައި އިއުލާންކުރައްވާނެ އެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރެއްވުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުސަތު ދެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފަ އެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު އެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30 ގައި ބޭއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.