އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޝިއާރަކަށް "އުފާވެރި އަމާންރާއްޖެ" ހަމަޖައްސައިފި އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭން ޝިއާރަކަށް "އުފާވެރި އަމާންރާއްޖެ" ހަމަޖައްސާފައިވާކަން އިއުލާނުކޮށްފައިވަނީ މިސަރުކާރުގެ މިނިސްޓަރުންނާއި އެމްޑީޕީގެ އިސްފަރާތްތަކުން އެބޭފުޅުންގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުންނެވެ.
ރައީސްގެ ކެމްޕެއިން ލޯގޯގެ ވަށައިގެން ރާއްޖޭގެ ރަށްތައް ހިމެނޭ ޗާޓު ހިމަނާފައިވާއިރު މެދުގައި ވަނީ އުފާވެރި އަމާން ރާއްޖެ ޖަހާފަ އެވެ.
ބޮޑު އީދުގެ ބަންދަށް ފަހު ރައީސް ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަސްމީކޮށް އަތޮޅުތަކަށް ދަތުރުތައް ފައްޓަވާނެ ކަމަށް އެމްޑީޕީން ކުރިން ވަނީ ބުނެފަ އެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރެއްވީ ރައީސް މުހައްމަދު ނަޝީދުއާ އެވެ. ރައީސް ސޯލިހް ވަނީ ބޮޑު ތަފާތަކުން ނަޝީދުގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ.
ޕްރައިމަރީން ބަލިވެވަޑައިގަތުމުން ނަޝީދު ވަނީ ރައީސް ސޯލިހާ ދެކޮޅަށް ނިކުންނަވާ މަސައްކަތް ކުރަން ފަށާފަ އެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން އެމްޑީޕީން ވަކިވެ އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާވެސް އަންނަނީ މަޝްވަރާ ކުރައްވަމުންނެވެ.
ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނިކުންނަވާނީ އަދާލަތު ޕާޓީ އާއި އެމްޑީއޭ ހިމެނޭ ކޯލިޝަނަކާއެކު އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓުލުން ސެޕްޓެމްބަރު 30 ގައި ބޭއްވެވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.