އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީއާ މެދުގައި އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތަކުން ސްޕުރީމް ކޯޓަށް ދާންޖެހިދާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕީޕީއެމް- ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕުން އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ފޯމްގެ ކަންކަން ގާނޫނާ އެއްގޮތަށް ކުރިޔަށް ގެންދަވާނެ ކަމަށް އީސީގެ މެންބަރުން ވެސް ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

ނަމަވެސް ޔާމީންގެ ކެންޑިޑެސީ އީސީން ބަލައިނުގެންފި ހާލަތެއްގައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި އެ ކޯޓުން ނިންމާފައިވާ ނިންމުންތަކަށް އެ ކޯޓުން ރިއާޔަތް ކުރައްވާނެ ކަމަށާއި އެހެންވެ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"[ސުޕްރީމް ކޯޓަށް ހުށަހަޅައިފި ނަމަ] އަޅުގަނޑުމެންގެ ޔަގީން ކަން އެބައޮތް ރައީސް ޔާމީންގެ މައްސަލަ އަށް ވެސް. ކުރުކޮށް ދަންނަވަންޏާ އެ މަނިކުފާނުގެ ނަންފުޅު މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެ،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން މިހެން ބުނެފައިވަނީ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނުގެ ކެންޑިޑޭސީ އެކޮމިޝަނުން ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވުމާއި ގުޅިގެންނެވެ.

"ހުކުމް ބާތިލުނުކުރާހާ ހިނދަގު ވާދައެއް ނުކުރެއްވޭނެ. ކެންޑިޑޭސީ ބަލައެއް ނުގަންނާނެ. (ފޯމް) ސަބްމިޓް ކުރެއްވިދާނެ އެކަމަކު އަޅުގަނޑުމެން (ކެންޑިޑެސީ) ބަލައެއް ނުގަންނާނެ،" ފުއާދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރުވެފައިވުން ހިމެނެ އެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ. އެއާއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އާރަށު މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެމައްސަލާގެ ޝަރީއަތް ބާރުމިނުގައި ކުރިއަށް ނުދާތީ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.