ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށްވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާޝަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނިން މޭޓަކަށްވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ރަނިންމޭޓް ކަމަށް އޭނާ ޝައުގުވެރިވާ ވާހަކަ ކޮންމެވެސް ސަބަބަކާ ހުރެ ދައްކަވަމުން ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ރަނިން މޭޓަކަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރައްވާ ބޭފުޅުންގެ ތެރޭގައި ފައްޔާޒު ހިމެނެ އެވެ. ފައްޔާޒުގެ އިތުރުން މި ލިސްޓްގައި ދެން ހިމެނެނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަނިން މޭޓެއް ކަނޑައެޅުމާ ގުޅޭ ގޮތުން އެމްޑީޕީގެ އިސް ބޭފުޅުންނާއި ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު މިހާރު ވެސް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ ސިކުނޑީގައި މިހާރު އިން އެންމެ ބޮޑު އެއް މައްސަލަ އެއީ. މައްސަލައޭ މި ދެންނެވީ ޑިޒިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކި ވަކިން ޕާޓީގެ އިސް ބޭފުޅުންނާ ވާހަކަދައްކަމުން އެބަ ގެންދަން. އެ ބޭފުޅުންގެ ވިސްނުމާއި ހިޔާލު އަޅުގަނޑުމެން އެބަ ހޯދަން ކޮންމެ ދުވަހު، ކޮންމެ ރެއަކު،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލާއިރު، މިހާތަނަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އެއްވެސް ކެނޑިޑޭޓެއް ރަނިން މޭޓަކު ކަނޑައަޅާފައެއް އަދި ނުވެ އެވެ.