މިހާތަނަށް ލިބުނު 525 ވޯޓު ފޮށިގެ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރަހީމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާ އިންތިހާބު ދެވަނަ ބުރަކަށް ދާނެކަން ކަށަވަރުވެއްޖެ އެވެ.

މިހާތަނަށް ގުނާ ނިމިފައި ވަނީ 525 ވޯޓު ފޮއްޓެވެ. ރައީސް ސޯލިހުގެ މައްޗަށް ޑރ. މުއިއްޒު ކުރި 12،929 ވޯޓުންނެވެ. ޑރ. މުއިއްޒުއަށް ލިބިވަޑައިގެންފައި ވަނީ ވަނީ 89،869 ވޯޓެވެ. އެއީ 45.89 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 76،940 ވޯޓެވެ. އެއީ 39.29 ޕަސެންޓެވެ.

13،810 ވޯޓާއި އެކު ތިންވަނާގައި އިނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު އެވެ. ހަތަރުވަނާގައި އޮތީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވޭނީ 50 ޕަސެންޓަށް އިތުރަށް ވޯޓު ހޯދައިގެންނެވެ.

މިހާތަނަށް ގުނި ގިނަ ފޮށިތަކުން ކުރި ހޯއްދަވަނީ ޑރ. މުއިއްޒު އެވެ. އެހެން ނަމަވެސް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަކަށް ނުފެނެ އެވެ. ދެވަނަ ބުރަކަށް ދަނީ ޑރ. މުއިއްޒު އާއި ރައީސް ސޯލިހު އެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 282,395 މީހުންނަށް ލިބޭއިރު ވޯޓުލީ ގާތްގަނޑަކަށް 75 ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި މިއީ އެންމެ މަދުން މީހުން ވޯޓު ލީ ފަހަރު ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.