ޅ. ފުށިފަރު ރިސޯޓުން ޖެޓް ސްކީއެއްގައި މިއަދު ހަވީރު ފުރި ދެ މީހަކު ގެއްލިގެން ހޯދި ދެ މީހުން ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދީ ދެ ދިވެހިން ކަމަށެވެ. އެއީ 24 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ.

އެމްއެންޑީއެފް އިން ބުނީ ހަވީރު 5:45 ހާއިރު ފުރި އެ ދެ މީހުން ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިރޭ 7:04 ގައި ކަމަށެވެ. އަދި އެ ދެ މީހުން ފެނުނީ މިރޭ 8:42 ގައި ޅ. ކުރެއްދޫ ރިސޯޓު ކައިރިން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ މީހުން އޮޔާ ދިޔައީ ޖެޓް ސްކީގެ އިންޖީނު ހުއްޓިގެން ކަމަށެވެ. އެ މީހުން މިހާރު ވަނީ ކުރެއްދޫ ރިސޯޓަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދެމީހުންނަކީ ވެސް އެ ރިސޯޓުގެ މުވައްޒަފުން ކަމަށެވެ. އަދި އެ ދެ މީހުން ޖެޓް ސްކީގައި ދިޔައީ މަޖާކޮށްލުމަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ދެ މީހުން ތިބީ ލައިފް ޖެކެޓް ވެސް އަޅައިގެން ކަމަށެވެ.

އެމީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އަންހެން މީހާ ދިޔައީ ފޯނެއް ހިފައިގެން ކަމަށް މައުލޫމާތު ލިބިފައި ވާތީ، ފޯނަށް ގުޅަމުން އަންނަ ކަމަށާއި، ފޯނު ރިންގްވި ނަމަވެސް، އަދި ޖަވާބު ނުދޭ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.