ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް ކޮންމެ އަހަރަކު އާއްމު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ 55 ދަރަޖަ ކުރިއަށް ޖެހިލައިފި އެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ 55 ދަރަޖަ ކުރިއަށްޖެހިލިއިރު، މިއީ މިއިންޑެކްސްގައި މިހާތަނަށް ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމީޔާބީއެވެ.

ދެހާސް ވިހިވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ 183 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރުކުރާ ދިރާސާތަކުގެ މައްޗަށެވެ.

މި އިންޑެކްސް ގައި ބޭނުންކުރަނީ ސުމަކުން ފެށިގެން 100 އާ ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ. ސީޕީއައިގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރެވޭ ނަތީޖާއެއް ބޭނުންކޮށްގެންނެވެ.

މިދިޔަ އަހަރުގެ ސީޕީއައިއިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގަ އެވެ. 2019 ވަނަ އަހަރުގެސީޕީއައި އާއި އަޅާ ބަލާއިރު ރާއްޖެ ވަނީ 14 ޕޮއިންޓް ކުރިއެރުމެއް ހޯދައި، ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު 55 ދަރަޖަ ކުރި ހޯދައިފަ އެވެ. އަދި ރާއްޖެއަކީ މިލިސްޓުގައި ހިމެނޭ ގައުމުތަކުން އެންމެ ބޮޑު ކުރިއެރުމެއް ވެސް ހޯދި ގައުމުކަން ފާހަގަކޮށްލެވެ އެވެ.

ކޮރަޕްޝަން އިންޑެކްސްގައި މިދިޔަ އަހަރަށްވުރެ 55 ދަރަޖަ ކުރިއަށް ރާއްޖެ ޖެހިލާފައިވާއިރު، މިއީ އިންޑެކްސްގައި ރާއްޖެ ހިމަނަން ފެށިފަހުން ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.