އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އއ. އުކުޅަހުގައި މިއަދު ފަށައިފި އެވެ.

އެމްޑީޕީން ބުނީ މިރެއާ ހަމައަށް ގެންދާ ބައްދަލުވުމުގައި، އެ ޕާޓީގެ އިސްބޭފުޅުންނާއި ދާއިރާތަކުގެ ރައީސުންނާއެކު، 81 މެމްބަރުން ބައިވެރިވާ ކަމަށެވެ. މި ގައުމީ މަޖިލިހުގެ ބައްދަލުވުމަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް، އިދިކޮޅު ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ރުކުރުވާލުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުމެއް ކަމަށް އެ ޕާޓީން ބުނެ އެވެ.

މިއީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީ އަށް ފަހު އެމްޑީޕީން ބާއްވާ ގައުމީ މަޖިލިހުގެ ދެވަނަ ބައްދަލުވުމެވެ. އިމާދުއްދީން ސްކޫލްގައި ދާދި ފަހުން ބޭއްވި ފުރަތަމަ އޮތް ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ނުވާ ކަމަށް ފާސްކޮށްފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ވަގުތު ރާއްޖޭގައި ނޫޅުއްވާތީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ. ނަމަވެސް ފުރަތަމަ ބައްދަލުވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި އެވެ.

ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލިހުގެ ބައެއް މެމްބަރުންނާއި ކުރީގެ ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.