ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުން ބޭނުންވާ ކެންޑިޑޭޓުން މަޖިލިސް ޕްރައިމަރީން ޑިސްކޮލިފައިކޮށްލެވޭގޮތަށް ހަމަޖައްސައިފި އެވެ.

ޕީޕީއެމް-ޕީއެންސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ޕީއެންސީގެ ޓިކެޓްގައި އަންނަ އަހަރު ބާއްވާ މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް، މި މަހުގެ 23ގައި ބާއްވާ އެތެރޭގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މަޖިލިސް ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ކިބައިގައި، މަޖިލިސް މެންބަރުންގެ ޝަރުތުގެ އިތުރަަށް، އިތުރު ހަތަރު ކަމަކަށް ވެސް ބަލާނެ ކަމަށް އެ ކޯލިޝަނުން މިއަދު ކުރި އިއުލާންގައިވެ އެވެ.

އެ ދެ ޕާޓީން މިއަދު އާންމުކުރި އުސޫލުގައިވާގޮތުން ކެންޑިޑޭޓުންގެ ޝަރުތު ހަމަވޭތޯ ބެލުމުގެ ބާރު އޮންނަނީ ލީޑާޝިޕަށެވެ. އެހެންކަމުން ދެ ޕާޓީގެ ލީޑާޝިޕުން ބޭނުންވާ ބަޔަކު ޑިސްކޮލިފައިކޮށްލެވޭނެ އެވެ.

ޕީޕީއެމް، ޕީއެންސީގެ ޖޮއިންޓް ސެނެޓުން ރޭ ނިންމާފައި ވަނީ، ޕްރައިމަރީގައި ވާދަ ކުރެވޭނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ދެ ޕާޓީން ކުރެ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނިފައިވާ މެންބަރުންނަށް ކަމަށެވެ. އަދި އެ ޕްރައިމަރީގައި ވޯޓުލެވޭނީ ވެސް އެ ދުވަހުގެ ނިޔަލަށް ދަފްތަރުގައި ތިބި މެންބަރުންނަށް ކަމަށް ވަނީ ނިންމާފަ އެވެ.

ޕްރައިމަރީގައި ވާދަ ކުރާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ހިމެނިފައިވުމުގެ އިތުރުން ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ފަރާތަކަށްވާންޖެހޭ ކަމަށް އެ އިއުލާނުގައިވެ އެވެ.

އިއުލާންގައިވާ ގޮތުން ކުރިމަތިލާ ފަރާތަކީ އަބުރުވެރި، ނަޒާހަތްތެރި ފަރާތަކަށް ވާންޖެހެ އެވެ. އަދި މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ފަރިތަ މިންވަރާއި ޕާޓީއަށް ހިދުމަތް ކޮށްފައިވާ މިންވަރަށް ވެސް ބަލާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.