ފަންސާސް އަށް މީހުންނާ އެކުގައި ދަތުރު ކުރި ހދ. ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ މާލެ އިން ކުޅުދުއްފުއްޓާ ދެމެދު ދަތުރު ކުރާ ބަހާދަރު ބޯޓު ނ.ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުނީ ރޭ ދަންވަރު 02:30 ހާއިރު ކަމަށެވެ.

އޭރު އެ ބޯޓުގައި 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު އޮތް ސަރަހައްދަށް ރޭ ފަތިހު އެމްއެންޑީއެފް ލޯންޗެއް ގޮސް އޭގެ ތެރެއިން 17 މީހުން ހެނދުނު 06:08 ހާއިރު ށ. ކޮމަންޑު އަށް ގެންގޮސްފައިވާ ކަމަށެވެ.

ބަހާދަރު ބޯޓުގައި 10 ފަޅުވެރިން މަޑުކޮށްގެން ތިބިއިރު، ބާކީ 31 މީހުން، "ފްލަޔިންގ ފިޝް 17" ނަކަމަށް ކިޔާ ދޯންޏެއްގައި ކުޅުދުއްފުއްޓަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފަރަށް އެރި ބޯޓު ފުން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.