ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ލަފައާ އެއްގޮތަށް ކުރިއަށް އޮތް 20 ވަނަ މަޖިލިހުގެ އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ގޮވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގަށް އެޑްރެސް ކުރައްވައި އެމްޑީޕީން ފޮނުވި ސިޓީއެއްގައި ބުނީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ކޮމިޝަނުން މަޖިލިހުގެ ކޮމިޓީގެ ލަފައަކަށް އެދުމުން، ރޯދަމަހުގެ ފަހުން އެ އިންތިހާބު ބާއްވަން ލަފާ ދީފައިވާ ކަމަށެވެ.

އިންތިހާބަށް ލަފާ ދޭ ގައުމީ ކޮމިޓީގައި ވެސް، ސަރުކާރުގެ ކޯލިޝަން ޕާޓީތައް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ވެސް، ރޯދަމަހުގެ ފަހުގެ ތާރީހެއްގައި މަޖިލިސް އިންތިހާބު ބާއްވައިދިނުމަށް އެދިފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ފަދަ ކޮމިޝަންތަކާއި ޖަމިއްޔާތައް ހިމެނެ އެވެ.

އެމްޑީޕީގެ ސިޓީގައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ކޮމިޓީން ދިން ލަފާ އަދި ގައުމީ ލަފާ ދޭ ކޮމިޓީގެ މެމްބަރުންގެ އެދިވަޑައިގަތުމާ ހިލާފަށް، ސަރުކާރުގެ ނުފޫޒުން ރޯދަމަހުގެ ތެރޭގައި މަޖިލީސް އިންތިހާބު ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ފަދައިން ތުހުމަތުކުރެވޭ ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކުގައި ގާނޫނީ ގޮތުން މަސްއޫލިއްޔަތުތަކެއް އަދި ޒިންމާތަކެއް މަތިކުރެވިފައިވާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެދިވަޑައިގެންފައިވާތީ ރަމަޟާން މަހުގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. އަދި އެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އަދި ޖަމިއްޔާތަކުން ވެސް ތިޔަ ކޮމިޝަނަށް ލަފާ ދެއްވާފައިވަނީ ރަމަޟާން މަހުގެ ފަހުން އިންތިހާބު ބޭއްވުމަށެވެ،" ސިޓީގައިވެ އެވެ.

މަޖިލީހުގެ އިންތިހާބު، ސަރުކާރުން ފޯރުވަމުންދާ ނާޖައިޒު ނުފޫޒަށް ބޯނުލަނބައި، ގައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުން އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ލަފައާ އެއްގޮތަށް ރޯދަމަހުގެ ފަހުގެ ތާރީހެއްގައި ބާއްވަން އެމްޑީޕީގެ ސިޓީގައި އެދުނެވެ.

މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އަންނަ ހަފްތާގައި އިއުލާން ކުރުމަށް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.