ކޯލް އޮފް ޑިއުޓީ ފަދަ މަލްޓި ޕްލެޔާ ވާ ގޭމްތައް ކުޅުމަކީ ނުރައްކާތެރި ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ސައިންސްވެރިން ބުނީ މިފަދަ ގޭމްތައް ކުޅޭ ކުދިންނަށާއި މީހުންގެ ހިތުގެ ރޭޓު އަވަސްވެ ހޭނެތުމުގެ ފުރުސަތު ބޮޑު ކަމަށާއި މިއީ ހިތުގެ ބަލިތަކަށް އެންމެ ފަސޭހައިން މަގުފަހިވާ ގޮތް ކަމަށެވެ.
އެގޮތުން ގޭމް ކުޅުމުގެ ތެރެއިން އެތައް ކުދިންނެއް ހަބަރު ހުސްވެ ހޭނެތިފައިވާ ކަމަށާއި މި ކުދިންގެ ހިތުގެ ހިނގުމުގައި ވެސް އެއް ވައްޓަފާޅިއެއް ފާހަގަ ކުރެވިފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
މިގޮތަށް ގޭމް ކުޅުމުގެ ތެރޭގައި ހިތް އަވަސްވެ ހޭނެތޭނަމަ ލަސްނުކޮށް ހިތުގެ ޑޮކްޓަރަކަށް ދައްކަން ސައިންސްވެރިން ލަފާ ދީފައިވެ އެވެ.
މި ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން ހަބަރު ހުސްވި ބައެއް ކުދިންނަށް އޭގެ ފަހުން ހާޓްއެޓޭކް ޖެހި ދުނިޔެއާ ވެސް ވަކިވެފައިވާ ކަމަށް ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.
މިހެން ހޭނެތޭ ކުދިންގެ އާއިލާއަށް ބަލާއިރު އާއިލާ ތެރޭގައި ވެސް ހިތުގެ ބަލި ހުންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި އެހެން ކަމުން މިކަމަކީ ވިރާސީ ކަމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެން ކަމުން ދަރިން ގޭމު ކުޅުމުގައި ވަކި ހަމަތަކެއް ކަނޑައަޅައި އެ ހަމަތަކަށް އަމަލު ކުރުމަކީ އެންމެ ފައިދާހުރި ގޮތެވެ.