ވިޔަފާރީގެ ފުރުސަތުތައް ފުޅާކޮށް، އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ފުރުސަތު ޒުވާނުންނަށް ފަހިކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ފެށި "ރައީސްގެ ޖަވާބު" ސެގްމަންޓުތަކުގެ ތެރެއިން މިއަދުގެ ސެގްމަންޓުގައި ރައީސް މުއިއްޒު އެގޮތަށް ވިދާޅުވީ ތ.ކިނބިދޫ، އުފާ، އައިޝަތު ރައުނާ ކުރި ސުވާލަކާ ގުޅިގެންނެވެ. ރައުނާގެ ސުވާލަކަށްވީ ވަޒީފާއަށް ނުކުންނަ ކުދީންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރާނެ ފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތާ ގުޅޭ ގޮތުންނެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒުވާނުން މާލެ ނުގޮސް އަމިއްލަ އަތޮޅުގައި ނުވަތަ ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ފަހިވެފައި އޮންނަން ބޭނުންވާ ކަމަށެވެ. ތ. އަތޮޅަކީ ވަޒީފާގެ ފުރުސަތު، ނިސްބަތުން ކުޑަ އަތޮޅެއް ކަމަށާއި އަތޮޅުގައި އޮތީ އެންމެ ރިސޯޓެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ވަޒީފާ ލިބޭނީ އިންޑަސްޓްރީތައް މި ތަނަށް ގެނެވިގެން. ޓޫރިޒަމް ފުޅާ ކުރެވިގެން. އިތުރު ރިސޯޓުތައް ގެނެވިގެން. ނޫނީ މަސްވެރިކަމުގެ އެކި ފުރުސަތުތައް ލިބި، ނޫނިއްޔާ ޒުވާން ކުދިން ވެއްޖެއްޔާ ބޭނުންވާނެ ކްރިއޭޓިވް އެކި ކަހަލަ ފުރުސަތުތައް ހޯދައި ދޭން ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާނެ ފަދަ ކްރިއޭޓިވް އިކޮނޮމީއެއް ގާއިމު ކުރުމުންވެސް ބޭނުން ތަނެއްގައި ތިބެ ބޭރުގެ މާކެޓްތަކަށް އަދި އެހެންވެސް ގޮތްގޮތުން ޒުވާނުންގެ ހުނަރު ވިއްކޭނެ ކަމަށެވެ. އަދި ވިސްނުމަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެސް އިގްތިސާދީ ފުރުސަތުތައް ފުޅާކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ ރިސޯޓުތައް ގެނައުމާއި އެކިކަހަލަ ފުރުސަތުތައް ގެނައުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނަން،" ރައީސް ވިދާޅުވި އެވެ.