މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ކޮވިޑް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 60 ވަނަ މީހާ އެވެ. އަދި މިއީ ކޮވިޑް ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނިޔާވި ދެ ވަނަ މީހާއެވެ.

ހަސަން މަނިކު 67، މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު 10:30 ޖަހާކަން ހާއިރެވެ.

ހަސަން މަނިކު މި ފަހުން އުޅުނީ ކިޑްނީ ޑައިލަސިސް ހަދާތީ ވަރަށް ބަލިކޮށެވެ.

ކޮއްޔަ ހަސަންމަނިކު މަރުވި އިރު ދުނިޔޭގައި އޭނާގެ ފަސް ކުދިން އެބަ ތިއްބެ އެވެ.

ކޮވިޑް ޖެހި ހަސަން މަނިކު މަރުވި އިރު ރޭ ވަނީ ކޮވިޑް-19 ޖެހިގެން އުމުރުން 63 އަހަރުގެ އަންހެނަކު ވެސް މަރުވެފަ އެވެ.

ހަސަން މަނިކު ފިލްމީ ދާއިރާއަށް ނުކުތީ 1980 ވަނަ އަހަރު އެވެ. އޭނާ ވަނީ ޓީވީ ޑްރާމާތަކާއި، ފިލްމްތަކުގައި އެކި ރޯލުތައް ކުޅެފަ އެވެ. އަދި އޭނާއަކީ އާންމުންގެ މެދުގައި މަގުބޫލު ކަން ހޯދާފައިވާ ފަންނާނެކެވެ.

ސީރިއަސް ރޯލްތަކުން ފެންނަ ހަސަން މަނިކު އެންމެ ފަހުން ކުޅުނު ފިލްމަކީ ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމު "ބޮސް" އެވެ.

ހަސަން މަނިކު މަރުވުމާ ގުޅިގެން ދިވެހި ފިލްމީ ދާއިރާގެ ފަންނާނުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.