ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރައްވައި، ވިހިވަނަ މަޖިލީހަށް ހޮވުނު މެންބަރުން މިއަދު ހުވާކުރައްވައިފި އެވެ.

މެންބަރުން ހުވާކުރައްވާފައި ވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނެވެ.

ވިހި ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. އެގޮތުން 93 މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އަލަށް އިންތިހާބުވި މަޖިލީހުގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ. ފޮޓޯ: މަޖްލިސް

މި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ހޯދާފައި ވަނީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީންނެވެ. އެގޮތުން މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާނެ އެވެ. މެންބަރުން ހުވާކުރެއްވުމަށްފަހު ހުވާގެ އިގުރާރުގައި ވަނީ ސޮއިކުރައްވާފަ އެވެ.

https://www.instagram.com/p/C7gTybkNxqe/

ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ކަނޑައަޅުއްވާފަ އެވެ.

އަލަށް އިންތިހާބުވި ޕީއެންސީގެ މަޖްލިސް މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މިއަދު ހެނދުނު މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަނީ. ފޮޓޯ: މަޖްލިސް

އާ މަޖިލީހުގައި މައިނޯރިޓީ ޕާޓީ ތަމްސީލުކުރާނީ 19 ވަނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ތަމްސީލްކުރި އެމްޑީޕީންނެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ.

އެމްޑީޕީ އަދި މަޖިލީހުގެ މައިނޯރިޓީ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އިންތިޚާބުކޮށްފަ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވަނީ އިންތިޚާބުކުރައްވާފަ އެވެ.

މަޖިލީހުގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތަށް މަޖިލީހުގެ ހޯލް ތައްޔާރުކޮށްފައި. ފޮޓޯ: މަޖްލިސް

މި މަޖިލީހުގައި މިނިވަން މެންބަރުންގެ ގޮތުގައި ތިއްބަވާނީ ދެ މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ޖަލްސާ މިއަދު 10:15 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިޚާބު ކުރުމަށް ޕީއެންސީގެ ޕީޖީން ވަނީ ފާސްކޮށްފަ އެވެ.