ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރި މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ނިންމައި، އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރި ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތް ކަން އޭނާއަށް އެންގުމަށް ފަހު އެވެ. ކެންޑިޑެސީ ބާތިލްކުރީ ސާބިތު ދަރަންޏަކާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ ހަސަން މޫސާގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުންނެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިންތިޚާބާ ބެހޭ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާ ފަހުން، އެ ކޮމިޝަނަށް ލިބޭ މައުލޫމާތުތަކަށް ބިނާކޮށް މީހެއްގެ ކެންޑިޑެސީ އެ ކޮމިޝަނަށް އަމިއްލަ ބާތިލް ނުކުރެވޭނެ ކަމަށެވެ. އެ މުއްދަތު ހަމަވުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރެވޭނީ ހަމައެކަނި ސުޕްރީމް ކޯޓުން ކަމަށް އެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރަން އިލެކްޝަންސް ކޮމިޝަނުން އެ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމުމުން އެ ކޮމިޝަނުން އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި އޭނާގެ ކެންޑިޑެސީ ބާތިލްކުރަން ސުޕްރީމް ކޯޓުން ނާންގާހާ ހިނދަކު އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް އެންގީ ކަމަށް އެ ހުކުމުގައިވެ އެވެ.
ހަސަން މޫސާގެ ކެންޑިޑެސީ އޭރު ބާތިލް ކުރުމުން އެ ދާއިރާއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަށް އިންތިޚާބަކާ ނުލައި، ހޮވުނީ ކަމަށް ކުރިން އޮތީ އިއުލާންކޮށްފަ އެވެ.