ބާލިން (ޖުލައި 14) - ޖަރުމަނުގައި މިރޭ ކުޅޭ ސްޕޭނާއި އިންގްލެންޑް ބައްދަލުކުރާ ޔޫރަޕްގެ ގައުމުތަކުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު އިތުރު ވަގުތަށް ހިނގައްޖެ ނަމަ ސްޕޭނުގެ ޒުވާން ތަރި ލަމީން ޔަމާލް އަށް ކުޅުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވާނެ އެވެ.

ޖަރުމަނުގެ ގާނޫނުތައް ބުނާ ގޮތުން އުމުރުން 18 އަހަރުން ދަށުގެ ކުދިން ރޭގަނޑު 8 ގެ ފަހުން އެއްވެސް ބާވަތެއްގެ މަސައްކަތެއްގައި އުޅުމަކީ މަނާ ކަމެކެވެ. އެފަދަ ކަމެއް ކޮށްފި ނަމަ ބޮޑު ޖޫރިމަނާއަކާ ކުރިމަތިލާން ޖެހޭނެ އެވެ. ނަމަވެސް އެތުލީޓުންނަށް މި ހުއްދަ ރޭގަނޑު 11 ޖެހުމާ ހަމައަށް އޮވެ އެވެ.

އެކަމަކު ސްޕޭން ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަކީ ޔަމާލް ކަމަށްވާ އިރު މެޗު އިތުރު ވަގުތަށް ހިނގައްޖެ ނަމަ ވެސް އޭނާ ލައްވާ ކުޅުވަން ކޯޗު ބޭނުންވާނެ އެވެ. ޖޫރިމަނާއަކާ ކުރިމަތިލާން ޖެހުނަސް ހެޔޮ ކަމަށެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާއެއް ނުނެރެވިއްޖެ ނަމަ ސްޕޭނަށް އޮންނާނީ ޔަމާލް ލައްވާ ކުޅުވައި އަދި 32،000 ޑޮލަރުގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހުމެވެ.

ބާސެލޯނާގެ ޒުވާން ތަރިއަކީ ޔޫރޯ 2024 ގައި ސްޕޭނުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ސްޕޭން ފައިނަލަށް ގެންގޮސް ދިނުމުގައި އޭނާ ޖަހައިދިން ހިތްގައިމު ގޯލު މުހިންމު ދައުރެއް އަދާކުރި އެވެ.

ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ކުޅޭ އެންމެ ހަގު ކުޅުންތެރިއަކީ ޔަމާލް އެވެ. އޭނާ އަށް 17 އަހަރު ފުރުނީ އިއްޔެ އެވެ.

ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ، އަލްބޭނިއާ އަދި އިޓަލީއާ ދެކޮޅަށް ސްޕޭން ކުޅުނު މެޗުތަކުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ޔަމާލް ވަނީ ދަނޑުން ބާލައިފަ އެވެ.

ސްޕޭނުގެ ކޯޗު ބުނީ ޖަރުމަނުގެ ގާނޫނުތައް އޭނާ އަށް ނޭނގޭ ކަމަށާއި 11 ޖެހި ނަމަވެސް ޔަމާލް ދަނޑުން ބާލަން ނުވިސްނާނެ ކަމަށެވެ.

މިރޭ ފައިނަލް މެޗު ފަށާނީ ޖަރުމަނު ގަޑިން 9 ޖަހާއިރު އަދި ރާއްޖޭން ގަޑިން 12 ޖަހާއިރު އެވެ.