އިނގިރޭސިވިލާތުގައި ތިބި ހުރިހާ ދިވެހިން އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި ރަޖިސްޓްރީވުމަށް އެދިފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުރިހާ އެ ގައުމުގައި ތިބި ހުރިހާ ދިވެހިން އެ ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި ތިން ކުޑަ ކުދިން މަރުވުމާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

ހައިކޮމިޝަނާއި ގުޅުއްވުމަށް ބޭނުންވާ ފަރާތްތަކުން +44(0)2072242135 ނަންބަރަށް ގުޅުއްވުމަށް ވެސް އެ ކޮމިޝަނުން އެދެ އެވެ. އެކޮމިޝަނުގެ އީމެއިލް އެޑްރެސް: [email protected]

އެގައުމުގާ ކިޔަވާ ދިވެހި ދަރިވަރުން ކިއުއާރް ކޯޑް ބޭނުންކޮށްގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ވުމަށް ވެސް އެދިފައިވެ އެެވެ.

ގިނަ ދިވެހިން ދަތުރުކުރާ އަދި ދިރިއުޅޭ އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅު މުޒާހަރާތަކެއް ކުރަމުން ދާތީ ދިވެހިން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ 3 އޮގަސްޓްގައި އެދިފަ އެވެ.

އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 378 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ނޭޝަނަލް ޕޮލިސް ޗީފްސް ކައުންސިލުން މިއަދު ބުނެފައިވެ އެވެ.

އޮސްޓްރޭލިއާ، މެލޭޝިއާ އަދި ނައިޖީރިއާއިން ވެސް ވަނީ އިނގިރޭސިވިލާތުގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމަށް ދަތުރު ނުކުރުމަށް ޓްރެވަލް އެޑްވައިޒަރީ ނެރެފަ އެވެ.