ސާކްގެ ކުރިއެރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސިލެންސީ ގޮލަމް ސަރްވާރް އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެވެ.

މިބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސާކްގެ ފަރާތުން މެންބަރު ގައުމުތަކުގެ ކުރިއެރުމަށާއި ފައިދާއަށް ހިންގަވާ އެކިއެކި ޕްރޮގްރާމުތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވައި މި ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ސާކްގެ ކުރިއެރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވައި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅަށް ތަޢުރީފުކުރެއްވި އެވެ. އަދި ސަރަހައްދީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އުންމީދު ރައީސް އައުކުރެއްވި އެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ދިވެހިރާއްޖެއަކީ އެ ޖަމުއިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް ނުހަނު ހިދުމަތްތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ގައުމެއްކަން ފާހަގަކުރެއްވި އެވެ.

ސާކް ރަސްމީކޮށް އުފެއްދުމަށް ސާކް ޗާޓަރުގައި ސޮއިކުރީ 1985 ޑިސެމްބަރ 8 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް، ޑާކާގަ އެވެ. ދިވެހިރާއްޖެއަކީ ސާކްގެ ފައުންޑިންގ މެންބަރު ގައުމެއްވެސްމެ އެވެ.