މިފްކޯ އިން މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއްވެ، މަސްވެރިން ރުޅިގަދަވުމުން އަންނަ ހަފުތާގައި ފައިސާ ދޭނެ ކަމަށް ބުނެފި އެވެ.

މިފްކޯ އިން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ވަނީ މިމަހުގެ ކުރީކޮޅުން ފެށިގެން މަސްއޮޑިފަހަރުގެ ޕެންޑިން ބިލްތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެ ކުންފުންޏާ ދެމެދު މަޝްވަރާކޮށްގެން މިވަގުތަށް ހައްލުތަކެއް ހޯދިފައިވާ ކަމަށެވެ. އަދި ސަރުކާރުން އަންނަނީ ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ ސަޕޯޓު ފޯރުކޮށްދެމުން ކަމަށް ވެސް ބުންޏެވެ.

"މިފްކޯއަށް މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުގެ އަމާޒަކީ މި ފައިސާ އަންނަ ހަފްތާގެ ނިޔަލަށް އެއްކޮށް ދައްކާ ހަލާސްކުރުން. އަދި މިކަމުގެ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނަން،" މިފްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ މިދިޔަ މަހުގެ 24 އިން ފެށިގެން އިއްޔެގެ ނިޔަލަށް މަސްވެރިންނަށް 17 މިލިއަން ރުފިޔާ ދޭން ޖެހިފައިވާ ކަމަށެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގުގައިކަން އެ ކުންފުނިން ވަނީ ކަނޑައަޅާފަ އެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ނުދެވި ގިނަ ދުވަސްތަކެއްވެ މަސްވެރިން މުޒާހަރާކޮށް ނުރުހުން ފާޅުކުރަން ފެށުމުން މިފްކޯއިން ވަނީ ޖުލައި މަހު މަސްވެރިންގެ ފައިސާދީ ހަލާސްކޮށްފަ އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި އެތައް ދުވަހެއްވި ނަމަވެސް ސަރުކާރުން ގެންދަނީ އެކިއެކި ސިޔާސީ މަގާމުތަކަށާއި ކުންފުނިތަކަށް ބޮޑެތި މުސާރާގައި އެކިއެކި އެކްޓިވިސްޓުންނަށާއި ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރުންނަށް މަގާމުތައް ބަހަމުންނެވެ.