ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް މިމަހު 22 ގައި ހާޒިރުވުމަށް އަންގައިފި އެވެ.

މަޖިލީހުން މަލީހަށް ފޮނުވާފައިވާ ސިޓީގައި ވަނީ، މިމަހުގެ 1 ވަނަ ދުވަހު މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން، މަޖިލީހުގެ ސުލޫކު ކޮމިޓީން އެމަނިކުފާނަ ސުވާލުކުރެއްވުމަށް ބޭނުންފުޅުވާތީ ޖަވާބުދާރީވާން މަޖިލީހުގެ އުސޫލު ކޮމިޓީއަށް ހާޒިރުވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޒީރުންނާއި ސަރުކާރަށް ބިރުދައްކަމުންދާ ކަމަށް މަލީހުވަނީ މަޖިލީހުގެ ބަހުސްގައި ވިދާޅުވެފަ އެވެ. އަދި މަލީހު ވިދާޅުވީކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާދޭން މަޖިލީހުން މަޖުބޫރުކުރުން މީގެ ހެއްކަކަށް ފުދޭ ކަމަށެވެ.

މަލީހު ކުރެއްވި ތުހުމަތާއި ގުޅިގެން އެދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި ނަޝީދުވަނީ މަޖިލީހުގައި މަލީހު އިތުރުފުޅު ހައްދަވާކަމަށް ތުރުމަތުކުރައްވާ އިމްތިޔާޒް ކޮމިޓީއަށް މައްސަލަ ފޮނުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސެކިއުޓަ ޖެނެރަލަށް ފޮނުއްވާނެ ކަމަށް ވެސް ނަޝީދުވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހާމެދު މަލީހު ކުރެއްވި ތުހުމަތުތަކަކީ މަޖިލީހުގެ ބާރާއި ކަރާމަތަށް އުނިކަން ގެނުވާފަދަ އަމަލެއްކަމަށް ވިދާޅުވެ މަޖިލީހުގެ އިމްތިޔާޒްކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ ވެސް ނަޝީދެވެ.

މިމައްސަލައާ ގުޅިގެން ބޭއްވި ފުރަތަމަ ބަހުސްގައި، މަލީހު މަޖިލީހަށް ހާޒިރުކޮށްގެން އެބޭފުޅާ ކުރެއްވި ތުހުމަތުތަކީ ކޮން އަސާސެއްގެ މައްޗަށް ކުރާ ތުހުމަތުތަކެއްތޯ ސާފުކުރުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނެވެ.

މަޖިލީހުގައި ޖަވާބުދާރީވުމަށް ފޮނުވުނު ސިޓީއާ ގުޅިގެން މަލީހު ވިދާޅުވީ މަޖިލީހުގެ ތަޅުނމުގައި ދެއްކެވި ވާހަކައާ ގުޅިގެން މަޖިލީހަށް ހާޒިރުކުރުމަކީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާ ހިލާފުކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދު ޑިމޮކްރެސީގެ ހަމަތަކާ ހިލާފްވާކަމަށް ވިދާޅުވެ މަލީހް ވަނީ ފާޑުވިދާޅުވެފަ އެވެ.

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައިވަނީ މަހުގެ 22 ވަނަ ދުވަހުގެ 11:00 އަށެވެ.