މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުންދިޔަ ގައުމީ ޓީމުގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި އަބްދުﷲ ޖުނައިދު (ޖެންނޭ) ލޯނު އެއްބަސްވުމެއްގެ ދަށުން ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) އަށް ދޫކޮށްލައިފި އެވެ. އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެމުންދިޔަ މިސްރުގެ ޑިފެންޑަރު އެލް ސައީދު ވަނީ ކްލަބް އީގަލްސް އަށް ބަދަލުވެފަ އެވެ.
މާޒިޔާ އިން ބުނީ މުޖޭ އާއި ޖެންނޭ ސަސް އަށް ދޫކޮށްލީ މި ސީޒަންގެ ނިޔަލަށް ކަމަށެވެ. އަދި މިއީ އެ ކުޅުންތެރިންނަށް ވެސް މެޗުތައް ކުޅުމުގެ ފުރުސަތެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
މާޒިޔާއާ 2018 ވަނަ އަހަރު ގުޅުނު މުޖޭ އަށް މި ސީޒަންގައި އެ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދަން ވަނީ އުނދަގޫވެފަ އެވެ. އަނިޔާގެ މައްސަލަތަކާ ހެދި މިދިޔަ ސީޒަންގައި ވެސް މުޖޭ އަށް މާޒިޔާގެ ފުރަތަމަ 11 އިން ފުރުސަތު ހޯދަން އުނދަގޫވި އެވެ.
މާޒިޔާގެ ޔޫތު ޓީމަށް ކުޅުމަށް ފަހު، 2018 ވަނަ އަހަރު އެ ޓީމާ ގުޅުނު ޖެންނޭ އަކީ ޒުވާން މިޑްފީލްޑަރެކެވެ. މާޒިޔާގެ ފުރަތަމަ 11 އިން އޭނާ އަށް ލިބިފައިވަނީ މަދު ފުރުސަތުތަކެކެވެ.
ސީޒަންގެ ދެވަނަ ޓްރާންްސްފާ ވިންޑޯ މިއަދު ބަންދުވާއިރު، މާޒިޔާ އިން ވަނީ ޖަޕާންގެ މިޑްފީލްޑަރަކާއި ސީރިއާގެ ގޯލްކީޕަރު މަހްމޫދު އަލް ޔުސޭފް އެ ޓީމަށް ގެނެސްފަ އެވެ. އަދި އިތުރު ބިދޭސީ ކުޅުންތެރިއެއް އެ ޓީމާ ގުޅޭނެ ކަމަށް ބަލެވެ އެވެ.
މިދިޔަ ސީޒަންގައި ވެސް ގްރީން އަށް ކުޅުނު މިސްރުގެ އަލް ސައީދު ވަނީ އީގަލްސް އަށް ބަދަލުވެ، އެ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން ފަށައިފަ އެވެ. އީގަލްސް އަށް ކުރިން ގެނައި ބުރްކީނަ ފާސޯގެ ޑިފެންޑަރު ވަނީ ފެންވަރު ދަށްވެގެން ފޮނުވާލައިފަ އެވެ.
އަލް ސައީދުގެ ބަދަލުގައި، ގްރީން އިން ވެސް ބިދޭސީ ޑިފެންޑަރެއް ގެންނާނެ ކަމަށް ބެލެވެ އެވެ.