ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރަތުގެ ގަދަ 16 ގެ ޖާގައެއް ފުރަތަމަ ފަހަރަށް ކެނެޑާ އިން ހޯދައިފި އެވެ.

މި ފަހަރުގެ މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ ކެނެޑާއިން މި މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ހޯދަފައި ވަނީ ދެވަނަ ބުރުގައި ރޭ ސައުތު އެފްރިކާ އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ކެނެޑާއިން މޮޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވަ އިންޖަރީ ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ދެވަނަ މިނިޓުގައި ސްޓެފެން އެސްޓާކިއޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި ފަހަރުގެ މުބާރާތާއި ކުރިމަތިލިއިރު ފީފާ ވޯލްޑްކަޕްގައި ކެނެޑާ ކުޅުނު ހުރިހާ މެޗަކުން ބަލިވި ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ދަނީ ރަގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

މި މެޗުގައި ކެނެޑާއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ވަނީ ލިބިފަ އެވެ. އެގޮތުން ޑިފެންޑަރު މޮއިސް މޮމްބީޓޯ ފޮނުވާލި ބޯޅަ ގޯލުގެ ރޮނގު ހުރަސް ކުރުމުގެ ކުރިން ސައުތު އެފްރިކާގެ ކުޅުންތެރިން ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

ގަދަ 16 ގައި ކެނެޑާ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ މިރޭ ނެދަލޭންޑްސް އާއި މޮރޮކޯ ބައްދަލުކުރާ މެޗަށް ފަހުގަ އެވެ މިިއީ މި އަހަރުގެ ވޯލްޑް ކަޕްގެ އެއް ހޯސްޓް ކަމަށްވާ ކެނެޑާ އަދި ދެކުނު އެފްރިކާ ވެސް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

އަމިއްލަ ގައުމުގައި ގަދަ 32ގެ މެޗު ކުޅުމަށް އޮތް ފުރުސަތު ކެނެޑާއަށް ނުލިބުނަސް، ރޭގެ މެޗަށް ގިނަ އަދެއްގެ ކެނެޑާ ސަޕޯޓަރުން ދަނޑަށް ވަނެވެ.

މެޗަށްފަހު ކެނެޑާގެ ކޯޗު ޖެސީ މާޝް އެ ޓީމުގެ ކުޅުންތެރިން ސިފަކުރީ "ބަތަލުން"ގެ ގޮތުގަ އެވެ.

"މިއީ ކެނެޑާގެ ފުޓްބޯޅަ އާއި މުޅި ގައުމަށް ލިބުނު ފަހުރެއް،" މާޝް ބުންޏެވެ.