އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ މެންބަރުން މަގާމުން ވަކިނުކުރާ ގޮތަށް އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

މިގޮތަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ނިންމީ އޭސީސީގެ މެންބަރުން ވަކިކުރުމަށް ހުށަހެޅުމުން މިއަދު އެ ގުރޫޕުގައި ނެގި ވޯޓުން އެގޮތަށް ފާސްނުވުމުން ނެވެ.

އޭސީސީގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އެ މެންބަރުން މަޤާމުން ވަކިކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ފާއިތުވި ހަފުތާ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

ރައީސް ނަޝިދު މިގޮތަށް މިވާޅުވެ މެސެޖެއް ފޮނުއްވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލާގައި ދައުވާނުކުރަން ޕީޖީން ނިންމި ނިންމުން ދެމެހެއްޓުމާ ގުޅިގެންނެވެ.

އެ މައްސަލާގައި ދައުވާނުކުރަން ނިންމި ސަބަބެއް ކަމުގައި ޕީޖީން ބުނެފައިވަނީ ޖިނާއީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ނެތުމުން ނެވެ. ނަމަވެސް ޕީޖީވަނީ އެ މައްސަލާގައި ހެކި ނުލިބި އޮތީ އެ މައްސަލާގައި ތުހުމަތުވާ އެއްވެސް މީހަކަށް އެއްވެސް ފައިދާއެއް ލިބިފައި ނެތުމުން ކަމަށްވެސް ވިދާޅުވެފަ އެވެ.