ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ބައިނަލްއަގުވާމީ ފަރާތްތަކާއި ޕްރައިވެޓް ސެކްޓާއިން ވެސް ކުދި ޖަޒީރާ ގައުމުތަކުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މަގުފަހިކޮށްދީ، ހަކަތަ އިގްތިސާދުކޮށް ހަކަތަ އިމްޕޯޓްކުރުން މަދުކުރުމަށް އެހީތެރިވާން ޖެހޭކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއާއި ބާބެޑޯސްގެ ދާއިމީ މިޝަން ގުޅިގެން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގައި ވިޔަފާރިއާއި ތިމާވެއްޓާއި ގުޅޭ ގޮތުން ބޭއްވި ހައި- ލެވެލް ވާޗުއަލް ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ދުނިޔެ ހޫނުވުމާ، ގުދުރަތީ ކާރިސާތަކާ، ކަނޑުގެ ދިރުންތައް މަރުވުމާ، ކަނޑުގެ ލޮނުގަނޑު އުސްވުން ފަދަ ކަންކަމުގެ ސަބަބުން ޖަޒީރާ އާބާދިތަކާއި އައްސޭރިފަށުގައި ދިރިއުޅޭ އާބާދީތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުރިމަގަށް އެކަމުގެ ސަބަބުން ހުރަސް އެޅޭ ކަމަށެވެ. އަދި މިހާރު ގިނަ ވަމުން އަންނަ ގުދުރަތީ ކާރިސާތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ގައުމުތައް ފުރިހަމައަށް ތައްޔާރު ނުވާކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އެގޮތުން ކުދި ޖަޒީރާ ގައުމުތަކުން އާމްދަނީ އާއި ވަޒީފާ އަށް ބަރޯސާވަނީ ސާފު، ދެމެހެއްޓެނެވި ތިމާވެއްޓާ ގުޅިފައިވާ ކަންކަމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ގެންގުޅުމަށް ކުރެވޭ މަސައްކަތުގައި، ތިމާވެއްޓާއި ރައްޓެހި ވިޔަފާރީގެ ޕްރެކްޓިސްތައް ޕްރޮމޯޓްކުރަން ޖެހޭކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. މިފަދަ މިސާލެއްގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަން ނަންގަވައި، ޒަމާންތަކެއް ވަންދެން ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަސްވެރިކަމުގެ ބާނާ އެއްވެސް އެއްޗެއް އުކާ ނުލައި، ކޮންމެ އެއްޗަކީ ކޮންމެވެސް ބޭނުމެއް ހިފޭ އެއްޗެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތިމާވެއްޓާއި މިފަދަ ރައްޓެހި ގޮތެއްގައި ކުރެވޭ މަސްވެރިކަމުން ބާނާ މަހުގެ ބާވަތްތަކަށް ބައިނަލްއަގުވާމީ ބާޒާރުގައި ފުރުސަތު ހޯދައިދިނުމަށް ވިޔަފާރީގެ ސިޔާސަތުތައް ކަނޑައެޅުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.