ކުރިއަށް އޮތް ކޭންސް ފިލްމު ފެސްޓިވަލްގައި ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ނިކޯލް ކިޑްމަންއަށް ހާއްސަ އެވޯޑެއް ދޭން އެ އިވެންޓް އިންތިޒާމުކުރާ ފަރާތުން ނިންމައިފި އެވެ.

އަންނަ މެއި މަހުގެ 18 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޭންސް ފެސްޓިވަލްގައި ނިކޯލްއަށް ދޭން ހަމަޖެހިފައިވަނީ "ވުމަން އިން މޯޝަން" އެވޯޑެވެ.

މި އެވޯޑަކީ ހޮލީވުޑްގައި ހަރަކާތްތެރިވާ އަންހެނުންގެ މަސައްކަތް ފާހަގަކޮށް އެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރަން މަސައްކަތްކުރާ ފަރާތްތަކަށް ދޭ ހާއްސަ އެވޯޑެކެވެ.

މި އެވޯޑު މީގެ ކުރިން 10 ފަރާތަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި ޑޮނާ ލެންގްލީ، ޖޭން ފޮންޑާ، ވިއޯލާ ޑޭވިސް އަދި ސަލްމާ ހަޔެކް ހިމެނެ އެވެ.

ނިކޯލްއަކީ ހޮލީވުޑްގައި ހަރަކާތްތެރިވާ އަންހެނުން ކުރިއަރުވަން ގިނަ މަސައްކަތްތަކެއްކުރާ ތަރި އެކެވެ. އެގޮތުން ކޮންމެ ދޮޅު އަހަރަކުން އަންހެން ޑައިރެކްޓަރަކާއެކު މަސައްކަތް ކުރަން އޭނާ ވަނީ 2017 ވަނަ އަހަރު ވައުދެއް ވެފަ އެވެ.

މިކަމާ ގުޅޭގޮތުން ނިކޯލް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭންސްގެ ފަރާތުން ދޭ އެ އެވޯޑު ލިބުމަކީ އޭނާއަށް ލިބޭ ޝަރަފަކާއި ފަހުރެއް ކަމަށެވެ.