ސަލްމާން ހާން އާއި ޖޫހީ ޗައުލާ ބޮލީވުޑްގައި ކެރިއަރު ފެށީ ގާތްގަނޑަކަށް އެއް ދުވަސްވަރެއްގަ އެވެ. ސަލްމާނާއި ޖޫހީ އެކުގައި ލީޑްރޯލުން ފިލްމެއްގައި ފެނިގެން ގޮސްފައެއް ނުވެ އެވެ. އެހެން ނަމަވެސް 1997 ވަނަ އަހަރު ނެރުނު "ދިވާނާ މަސްތާނާ" ގައި ޖޫހީ އާއި ސަލްމާން ވަނީ ފެނިގެން ގޮސްފަ އެވެ. އެފިލްމުގައި ސަލްމާން ފެނިގެންދިޔައީ މެހެމާނެއްގެ ރޯލުންނެވެ.
މީގެ ކުރިން ސޯޝަލްމީޑިއާގައި ވައިރަލްވެފައިވާ ކުރީގެ ވީޑިއޯގައި ސަލްމާން ވަނީ ޖޫހީއާއި ކައިވެނި ކުރަން ބޭނުންވި ކަމަށް ބުނެފަ އެވެ. މި ވީޑިއޯއަކީ 90ގެ އަހަރުތަކުގައި ނަގާފައިވާ ވީޑިއޯއެކެވެ.
މި ވީޑިއޯގައި ސަލްމާން ބުނެފައި ވަނީ ޖޫހީއާ ކައިވެނިކުރަން ބޭނުންވެގެން އެވާހަކަ ޖޫހީ ބައްޕަ ގާތުގައި ދެއްކުމުން އެކަމާ ދެކޮޅު ހެދި ކަމަށެވެ. އަދި އެކަމާއި ޖޫހީގެ ބައްޕަ ދެކޮޅު ހެދީ ކީއްވެކަން ނޭނގޭ ކަމަށް ސަލްމާން ވަނީ ބުނެފަ އެވެ.
"ޖޫހީ އަކީ ވަރަށް ރަނގަޅު އަދި އެހާމެ ލޯބި ކުއްޖެއް. އަހަރެން އޭނަ ބައްޕަ ކައިރީ އެހިން ޖޫހީ އާއި އަހަރެން ކައިވެނިކުރަން އަހައިފިއްޔާ އެއްބަސްވާނަންހޭ. ޖޫހީގެ ބައްޕަ އެއްބަހެއް ނުވި،" ސަލްމާންގެ އިންޓަވިއުގައި ބުނެފައިވެ އެވެ.
ސަލްމާންގެ މިވީޑިއޯ އާ ގުޅިގެން ސުވާލު ކުރުމުން ޖޫހީ ބުނެފައި ވަނީ އޭރު އެއީ އޭނާގެ ބޮލީވުޑް ކެރިއަރު ފެށިގެން އައި ދުވަސްވަރު ކަމަށެވެ. ބޮލީވުޑްގައި މަސައްކަތް ކުރާ އެއްވެސް ފަރާތެއް އޭރު ނޭނގޭ ކަމަށް ވެސް ޖޫހީ ބުންޏެވެ. އަދި އޭރު ސަލްމާން އަކީ އެންމެން ދަންނަ ސަލްމާން ހާން ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ޖޫހީގެ ފިރިމީހާ ޖޭ މެހެތާ އާއި ކައިވެނިކޮށްފައި ވަނީ 1995 ވަނަ އަހަރު އެވެ. އަދި އެމީހުންގެ ދެ ދަރިން ވެސް ތިބޭއިރު ސަލްމާން ހާން އަދި ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ.