ޅ. ފެލިވަރުގައި ކޯވިޑް ފެތުރި، ޅ.އަތޮޅުގެ ހުރިހާ ރަށަކަށް މި ބަލި ފެތުރުމާއި ގުޅިގެން ނައިފަރު، ހިންނަވަރު، ކުރެންދޫ، ފެލިވަރު އަދި އޮޅުވެލިފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ނުރައްކާތެރި ޙާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި އެވެ.

މިމައްސަލަ ހުށައެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމެވެ.

މި މައްސަލަ ހުށައެޅީ މިކަން ސަރުކާރުގެ ސަމާލުކަމެއް ގެނެސް މި ހާލަތު ބަދަލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލުމަށް ކަމަށެވެ.

"ދިވެހިރާއްޖޭގެ މަސްވެރި ކަމުގެ ސިނާޢަތުގައި އެންމެ އިސްދައުރެއް އަދާކުރާ ޅ.ފެލިވަރުން ކޯވިޑް-19ގެ ކޭސްތަކެއް ފެނި، މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ހުން އައިސް ބަލިވަމުން ދިޔަކަން ފެލިވަރުގެ މެނޭޖްމެންޓަށް އެނގުނު ނަމަވެސް އެކަން މުވައްޒަފުންނަށް ހާމަނުކުރޭ. އެކަމާ ގުޅޭ މައުލޫމާތު މެނޭޖުމެންޓުގެ ފަރާތުން ސިއްރުކޮށްފައިވަނިކޮށް މިބަލި އަތޮޅުގެ އެހެން ރަށްރަށަށް ފެތުރުނީ. އަދި ޚާއްސަ ހުއްދައިގެ ދަށުން މާލެއިން އެކިޓީމްތައް ފެލިވަރަށް ދަތުރުކޮށް އޭގެފަހުން އަތޮޅުގެ އެކިރަށްރަށަށްވެސް ދަތުރުކޮށް މިހާލަތަށް ދިއުމުގައި ސަރުކާރުގެ އިހުމާލުއޮތްކަމަށް ރައްޔިތުންގެ ޝަކުވާތައް ލިބެމުންއެބަދޭ،" ޝިޔާމް ވިދާޅުވި އެވެ.

ފެލިވަރުން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާތަނަށް ތިންސަތޭކަ އަށްވުރެ މަތީގައިވާ ކަމަށާއި، އަތޮޅުގެ އެހެން ރަށްރަށުގައި ހަލުވިކަމާއެކު ކޯވިޑް ފެތުރި، ފެލިވަރުގެ އިތުރުން ނައިފަރާއި ހިންވަރާއި ކުރެންދޫ އަދި އޮޅުވެލިފުށި މޮނިޓަރިންގެ ޙާލަތުގައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ހާސްކަމާއި ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި މިޙާލަތުގައި ވެސް ޅ. އަތޮޅު ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ ނިޒާމެއް ގާއިމްވެފައި ނެތުމާއި، ސާމްޕްލްގެ ނަތީޖާއަށް އެތައް ދުވަހަކު އިންތިޒާރު ކުރަންޖެހުމާއި، ނައިފަރު ފަދަ ތޮއްޖެހިފައިވާ އާބާދީއެއްގައި ގިނަ ޢަދަދެއްގެ ގެތަކެއް މޮނިޓަރިންއަށް ލަމުންދިއުމުން އެތައް ބައެއްގެ އާމްދަނީ ހުއްޓިފައިވުމާއި ގިނަ ޢަދަދެއްގެ ބަޔަކު އައިސޮލޭޓްވެ މުޅި ރަށް އެއްކޮށް ހުއްޓުމަކަށް އަންނަންޖެހިދާނެ ފަދަ ޙާލަތަކަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޢަމަލުކުރަމުންދާ ގައިޑްލައިންއަކީ ނައިފަރު ކަހަލަ ތޮއްޖެހިފައިވާ އާބާދީއަކަށް އެންމެ އެކަށޭނަ ގައިޑްލައިންއެއް ނޫންކަމާއި އޭގެ ސަބަބުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ޓީމަށް މެނޭޖް ކުރުމަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

"މިހާލަތުން އަރައިގަތުމަށްޓަކައި ރައްޔިތުންނަށް ސަރުކާރުން ޚާއްސަ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެގޮތުން ސަރުކާރުގެ އިހުމާލުގެ ސަބަބުން ރައްޔިތުންނަށް މި ލިބުނު ބޮޑު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށާއި، ރައްޔިތުން ލޯނުތަކަށް ދައްކަންޖެހޭ ފައިސާ މަޑުޖައްސާދިނުމަށާއި، ކަރަންޓުބިލުތަކަށް ލުޔެއް ހަމަޖައްސަވާ ދެއްވާ، ޅ. އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ މި ދަތި ޙާލަތުން އަރައިގަތުމަށްޓަކައި ވީއެންމެ އަވަހަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތައް އެޅުމަށް ގޮވާލަން،" މިމައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވިއެވެ.

ޅ. އަތޮޅުގައި ސިނާއީ މަސައްކަތްކުރާ ފެލިވަރުން އެތައްބަޔަކު ޕޮޒިޓިވްވެ، ޚާއްސަ ހުއްދައިގެ ދަށުން މާލެއިން ޓީމްތައް ދަތުރުކޮށް މުޅި އަތޮޅަށް ކޮވިޑް ފެތުރިގެން ދިޔަކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުންވަނީ ފެންމަތިވެފަ އެވެ. އެގޮތުން ޅ.އަތޮޅުގެ ހުރިހާ ރަށެއް މޮނިޓަރިންގެ ޙާލަތުގައިވާއިރު ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުންނެވެ.