ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ. އެ

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކާއި ގުޅޭގޮތުން މަޖިލީހުގެ އާންމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅާފައިވާކަމަށާއި، މަޖިލީހުގެ ގަވާއިދަށް ރިއަޔަތްކޮށް، މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް ކަނޑައެޅިދާނެ ކަމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ޢާންމު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ މެންބަރުން ކުރައްވާ ދަތުރުގެ ހުއްދަ ހޯއްދެވުމަށް، ދަތުރުގެ މައުލޫމާތާއެކު، ލިޔުމުން މަޖިލީހުގެ އިދާރާގައި އެދިވަޑައިގަންނަވަންވާނެ ކަމަށެވެ. އަދި މެންބަރުން ކުރައްވާ ދަތުރުތައް ކުރައްވަން ވާނީ މަޖިލީހުން ހުއްދަ ލިބިގެން ކަމަށާއި، އެ ހުއްދަ ލިބިގެން ދަތުރުކުރައްވައިފި ނަމަ އެއީ ރަސްމީ ދަތުރެއްކަމަށް މަޖިލީހުން ކަނޑައަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މެންބަރުން ދާއިރާއަށް ވަޑައިގެންނެވި ނަމަވެސް، މަޖިލީހުން އެދިއްޖެ ނަމަ އޮންލައިންކޮށް މަޖިލީހުގެ ބައްދަލުވުން ނުވަތަ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވަން ވާނެ ކަމަށެވެ.

މަޖީލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށް ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ރާއްޖޭގެ ސަރަޙައްދުން ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށް ދެވިދާނެ ކަމަށެވެ.