ހާއްސަ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރިތާ ހަތަރު ހަފުތާ ވެފައިވާނަމަ ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ފަރާތްތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ ހަތަރު ހަފުތާ ވެފައިވާ ނަމަ ދެވަނަ ޑޯޒް މިހާރު މާލެ ސަރަހައްދުން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް، ވެކްސިންގެ އަސަރު އެންމެ ފުރިހަމަ ގޮތުގައި ކުރާނީ ވެކްސިން ޖެހިތާ އަށް ހަފްތާއާއި ބާރަ ހަފުތާއާއި ދެމެދުގެ މުއްދަތަކަށް ފަހު ކަމަށް ވުމުން ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި މިކަންތަކަށް ސަމާލުވުމަށް އެޗެޕީއޭއިން އިލްތިމާސްކުރެ އެވެ.

މީގެ އިތުރުން، ވެކްސިން ޖަހަން ދާއިރު ދަތުރުގެ ތަފްސީލް އިނގޭނެ ލިޔުމެއް ގެނައުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ދިނުން މިމަހު ތިންވަނަ ދުވަހު ފަށާފައިވާއިރު އިއްޔެވަނީ 2،016 މީހަކަށް ދެވަނަ ޑޯޒް ދީފަ އެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 5،753 އަށް އަރާފަ އެވެ.

ވެކްސިގެ ފުރަތަމަ ޑޯޒް ޖެހުން އަދިވެސް ރާއްޖޭގައި ކުރިއަށްދާއިރު އިއްޔެވަނީ 4،243 މީހަކަށް ފުރަތަމަ ޑޯޒް ދީފަ އެވެ. މިއާއުކު ރާއްޖެގައި ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދުވަނީ 251،139 އަށް އަރާފަ އެވެ.