ކުރިއަށް އޮތް ހައްޖުގެ އަޅުކަމުގައި މައްކާގެ އެކި ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަ ކުރަން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރަން ސައޫދީ އަރަބިއާގެ ސަރުކާރުން މަސައްކަތް ކުރަމުން އެބަދެ އެވެ.
ސައޫދީއިން ވަނީ ހައްޖުގެ އަޅުކަމުގައި ހައްޖާޖީން އެއްވާ ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަ ކުރަން ނިއު ޖެނެރޭޝަން އޭއައި ރޮބޮޓްއެއް ތައާރަފް ކޮށްފަ އެވެ.
އެގޮތުން މަސްޖިދުލް ހަރަމްއާއި މިނާ އަދި މުޒްދަލިފާގައި ވެސް ހައްޖާޖީންނަށް މަގު ދައްކައި ތޮއްޖެހުން ކޮންޓްރޯލް ކުރުމުގައި އެ ރޮބޮޓްތައް ހަރަކާތްތެރިވާނެ އެވެ.
މީގެ ކުރިން ވެސް ސައޫދީ ސަރުކާރުން ވަނީ ހައްޖާޖީންގެ ހިދުމަތުގައި އޭއައި ރޮބޮޓްއެއް ތައާރަފް ކޮށްފަ އެވެ. އެ ރޮބޮޓްއަކީ މަސްޖިދުލް ހަރަމްއަށް ދާ މުސްލިމުންގެ ދީނީ ސުވާލުތަކަށް ޖަވާބު ދޭ ގޮތަށް ފަރުމާކޮށްފައިވާ ރޮބޮޓެކެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ފެށެން ތައްޔާރު ވެފައިވާއިރު ސައޫދީ އަރަބިއާގެ ސަރުކާރުން ވަނީ ހައްޖާޖީންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ގިނަ ހިދުމަތްތަކެއް ގާއިމުކޮށްފަ އެވެ.
މިފަހަރުގެ ހައްޖުގައި ދިވެހި ރާއްޖެއިން ވެސް ހާހެއްހާ ހައްޖާޖީން ބައިވެރިވާއިރު މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖާޖީންނަށް ވެސް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.