އިންސާނުންގެ މައިބަދަ އުފައްދާނެ ގޮތެއް ސައިންޓިސްޓުންނަށް ހޯދިއްޖެ ކަމަށް ނޭޗާ މަޖައްލާގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފި އެވެ.
މި ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންސާނުންގެ ސްޓެމް ސެލްތައް ބޭނުންކޮށްގެން "ނޮޓޮކޯޑް" އުފެއްދުމަށް ސައިންޓިސްޓުން ވަނީ ކާމިޔާބުވެފަ އެވެ.
ނޮޓޮކޯޑަކީ ރަހިމުގައި އިންސާނާ އުފެދެމުން ދާއިރު ޓިޝޫތައް އިންތިޒާމުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަދި ފަހުން މިއީ މައިބަދައިގެ ވަތްގަނޑުތަކަށް ބަދަލުވާ އެއްޗެކެވެ.
މި ދިރާސާގެ އިސް މުސައްނިފު ޖޭމްސް ބްރިސްކޯ ވިދާޅުވި ގޮތުގައި ނޮޓޮކޯޑަކީ ނާރުތަކުގެ ނިޒާމަށް "ޖީޕީއެސް" އެއް ފަދައިން މަސައްކަތް ކުރާ އެއްޗެކެވެ. އަދި ދިރާސާގެ ފުރަތަމަ މުސައްނިފު ޓިއާގޯ ރިޓޯ ވިދާޅުވި ގޮތުގައި ލެބޯޓްރީގައި އުފައްދާފައިވާ ނޮޓޮކޯޑުގެ މަސައްކަތް ހިނގަނީ އިންސާނެއް އުފެދުމުގައި ކަނޑައްތުކުރާ ހަރުފަތްތަކާ އެއްގޮތަށެވެ. އެގޮތުން، އޭގެ ވަށައިގެންވާ ޓިޝޫތައް އިންތިޒާމުކުރުމަށް ކެމިކަލް ސިގްނަލްތައް ފޮނުވަ އެވެ.
ބްރިސްކޯ އިތުރަށް ބުނިގޮތުން، މި ހޯދުމުގެ ސަބަބުން މައިބަދަ ނުވަތަ ނާރުތަކުގެ ނިޒާމާ ގުޅުންހުރި، އިންސާނާ އުފަންވާއިރު ހުންނަ އުނިކަންތައްތަކާ ބެހޭގޮތުން އިތުރު ދިރާސާތައް ކުރުމަށް މަގުފަހިވެގެންދާނެ އެވެ. އަދި މިއީ ނާރުކަށީގެ ވަށްގަނޑުތަކާ ބެހޭގޮތުން ދިރާސާކުރުމަށްވެސް މުހިންމު ހޯދުމެއްކަން އޭނާ ފާހަގަކޮށްފައިވެ އެވެ.