އުމުރުން 13 އަހަރު ވުމުގެ ކުރިން ސްމާޓް ފޯނު ފަދަ ޑިޖިޓަލް އާލާތްތައް ބޭނުންކުރާ ކުޑަކުދިންނަށް ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.

ޔޫއޭއީގެ ސިއްހީ މާހިރުންތަކެއް ގުޅިގެން ކުރިއަށް ގެންދިޔަ އެ ދިރާސާގެ ނަތީޖާތަކުން މިހާރުގެ ކުޑަކުދިންގެ މުސްތަގްބަލަށް ނުރައްކާ އޮތް މިންވަރު އެނގިގެންދާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

"ޅަފަތުގައި ސްމާޓް ފޯނު ގެންގުޅުމާއި ފުރާވަރު އުމުރުގައި ނަފްސާނީ މައްސަލަތަކާ ކުރިމަތިލާންޖެހުމާ ހުރި ގުޅުން މިކަންކަމުން އެނގިގެންދޭ" މެޑްކެއާ ކްލިނިކްގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ސްރީވިދްޔާ ސްރީނިވާސް ވިދާޅުވި އެވެ.

އެގޮތުން އެފަދަ ކުދިންގެ މެދުގައި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވުމާއި ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތައް ވަނީ ފާހަގަ ކުރެވިފަ އެވެ.

މިފަދަ ނަފްސާނީ ބަލިތައް ސްމާޓް ފޯން ބޭނުންކުރާ އުމުރުން 8 އަހަރުގެ ކުދިންގެ ކިބައިން ވެސް ފެނިފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

މިކަމަކީ ދިގު މުއްދަތުގައި އެ ކުދިންގެ ދިރިއުޅުމަށް ވެސް އެކި ގޮތްގޮތުން ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އޭގެ ތެރޭގައި ޒާތީ ދިރިއުޅުމާއި ވަޒީފާގެ މާހައުލު ވެސް ހިމެނެ އެވެ.

އެހެން ކަމުން ހަގު އުމުރުގައި ދަރިންނަށް ފޯނު ދޭއިރު މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވުމަށް އެ ދިރާސާގައި އިލްތިމާސް ކޮށްފައިވެ އެވެ.