ދިރާގު ކަސްޓަމަރުންނަށް އެންރޯލްކޮށްގެން މި ފަހަރު 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަން ތައާރަފްކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި 'ވިން އަ ޓެސްލާ' އަދި 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންތަކަށް ލިބުނު ތަރުހީބަށްފަހު މި އަހަރު ވެގެންދާނީ މިފަދަ އަގު ބޮޑު އިނާމެއް ކަސްޓަމަރުންނަށް ލިބިގެންދާ ޕްރޮމޯޝަން ކުރިއަށްގެންދާ ތިންވަނަ އަހަރަށް ކަމަށެވެ.
ދިރާގުގެ ޑިރެކްޓާ އޮފް ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިދިޔަ އަހަރުގެ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ހޫނު ތަރުހީބާއި އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ތަރުހީބުގެ މައްޗަށް ބިނާކޮށް މި އަހަރު 2 ސްޕީޑްބޯޓް ދިނުމަށް ވަނީ ހަމަޖެހިފައި. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަ މަހަކުން އެއް ސްޕީޑްބޯޓް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުންވެސް ކުރީބައިގައި މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނާއި އަދި ދިރާގުޕޭއަށް ރެޖިސްޓަރކުރާ ކަސްޓަމަރުންނަށް މި އިނާމް ހާސިލްކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ވެސް މިރްޝާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމުގެ އެންމެ ބޮޑު ބަޔަކީ ކަނޑު ކަމުގައިވާއިރު، މިއީ ހަމައެކަނި އަގު ހުރި އިނާމެއްގެ އިތުރުން އަޅުގަނޑުމެންގެ ދިރިއުޅުމާ ވެސް ގުޅިފައިވާ އިނާމެއް. އެހެންކަމުން، މިއީ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭ ތަޖުރިބާތައް ފޯރުކޮށްދިނުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް،" މިރްޝާން ވިދާޅުވި އެވެ.
'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
މި ގޮތުން، ދިރާގުން ބުނީ އެ ނެޓްވޯކްގެ ޕްރީޕެއިޑް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ލޯޑރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ.
ދިރާގުގެ ހިދުމަތްތައް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ހުޅުވާލާފައިވާއިރު، ހުރިހާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް 31 މާރިޗު 2026 ގެ ކުރިން އެންރޯލްކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ހިތްގައިމު ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ. މި ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެ އެވެ.