ރ. އަނގޮޅިތީމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި އެވެ.

އެމްޓީސީސީއިން މިއަދު ބުނެފައި ވަނީ އަނގޮޅިތީމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާތައް މިމަހުގެ ބާރަ ވަނަ ދުވަހު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިމަސްތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަނގޮޅިތީމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓިސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން، 42،615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން އިތުރަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

މި މަޝްރޫޢަކީ 44.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.