ކޮވިޑް ޖެހިގެން 82 އަހަރުގެ އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

އެޗްއީއޯސީން ބުނީ މެންދުރު 11:12 ގައި މަރުވީ ކޮވިޑްޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ގެންދިޔަ މީހެއް ކަމަށެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 68 ވަނަ މީހާ އެވެ.

އެންމެ ފަހުން މިބަލީގައި މީހަކު މަރުވެފައިވަނީ މިދިޔަ މަހުގެ 31ގަ އެވެ. ރާއްޖެއިން މިހާތަނަށް މަރުވި 68 މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ ފެބުރުއަރީ މަހު އެވެ. އެ މަހު އެކަނި 10 މީހަކު މަރުވި އެވެ. އަދި މިދިޔަ ޖެނުއަރީ މަހު ނުވަ މީހަކު މި ބަލީގައި މަރުވި އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ. އެގޮތުން ކޮންމެ ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ 100 އިން ދަށަށް ގޮސްފަ އެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ވަނީ 58 މީހުންނަށް މަދުވެފަ އެވެ.

މިބަލީ މިހާރު ވެސް 2،621 މީހުންނަށް ފަރުވާދެމުން އެބަގެންދެ އެވެ.