ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ، އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ލުބުނާ ޒާހިރު ހުސައިނާއި މީރާގެ ޑެޕިއުޓީ ޗެއާޕާޞަން ލީނާ ޒާހިރު ހުސައިނާއި "މިހާރު" ނޫހުގެ އެގްޒެކްޓިވް ޑިރެކްޓަރު ވާއިލް ޒާހިރު ހުސައިންގެ މަންމާފުޅު ނާއިލާ 72، އަވަހާރަވި އިރު އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވަނީވެފަ އެވެ.

ނާއިލާއަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ބޭކަބަލެކެވެ. އެގޮތުން އަމީނިއްޔާ ސްކޫލްގެ އިނގިރޭސި އަދި ހިސްޓަރީ ޓީޗަރެއްގެ ގޮތުން ވަރަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އެވެ. އޭގެ ފަހުން ޣިޔާސުއްދީން ސްކޫލްގައި ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ.

އަދި މީގެ އިތުރުން އެކުމުގެ ދާއިރާ އާއި ގުޅުން ހުރި ފޮތްތަކެއް ނާއިލާ ވަނީ ނެރެފައެވެ. އެގޮތުން ދިވެހި މެދުގައި އެންމެ މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާ ފޮތަކީ ރެސިޕީ ފޮތް "ޒީނާރު" އެވެ.

ސިލޯނާއި ނިއުޒިލޭންޑުން ތައުލީމް ހާސިލްކުރެއްވި ނާއިލާއަކީ ކުރީގެ މަޝްހޫރު ވިޔަފާޜިވެރިޔާ ދިއްދޫ އިބްރާހީމް ކަލޭފާނުގެ ދަރިކަނބަލެކެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ޠަލްހަތު އިބްރާހީމް ކަލޭފާނާއި، އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްގެ ދައްތަ އެވެ.

ނާއިލާގެ ޖަނާޒާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނީ ޢަސްރު ނަމާދަށް ފަހުގަ އެވެ.