ރާއްޖެއަށް ދަތުރުކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލުން ނެރޭ އެންމެ ހަރުކަށި އިންޒާރު ކަމުގައިވާ ލެވެލް ހަތަރެއްގެ އިންޒާރު، ދިވެހިރާއްޖެއަށް ދަތުރުކުރުމާ ގުޅުވައިގެން ނެރެފި އެވެ.

ސީޑިސީއިން ރާއްޖެއަށް ނެރެފައިވަނީ ލެވެލް ހަތަރެއްގެ އިންޒާރެކެވެ. އަދި ރާއްޖެއަށް އެމެރިކާ މީހުން ދަތުރުކުރުން ހުއްޓާލުމަށް ވަނީ އެދިފަ އެވެ.

ސްޓޭޓް ޑިޕާޓުމަންޓް ނުވަތަ އެމެރިކާގެ ފޮރިން މިނިސްޓްރީީ ވެބްސައިޓުގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ދަތުރުކުރުމާ ގުޅޭ ގޮތުން ސީޑީސީއިން ހަތަރު ވަނަ ލެވެލްގެ އިންޒާރެއް ނެރެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19ގެ ޙާލަތު އޮތް ގޮތުން ކަމަށެވެ.

ސްޓޭޓް ޑިޕާޓުމެންޓުން ވެސް ރާއްޖެއަށް ދަތުރު ކުރުމާއި ގުޅޭ ގޮތުން ލެވެލް ތިނެއްގެ އިންޒާރެއް ނެރެފަ އެވެ.

ތިން ވަނަ ލެވެލްގެ އިންޒާރެއް އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ނެރެފައިވަނީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުންނާއި ރާއްޖޭގެ ޓެރަރިޒަމުގެ ހާލަތުގެ އޮތްގޮތުގެ ސަބަބުުންނެވެ. އެގޮތުން ސްޓޭޓު ޑިޕާޓުމެންޓުން ބުނެފައިވަނީ ކޮންމެ ވަގުތެއްގައިވެސް އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ނުވަތަ ކުޑަ އިންޒާރެއް ދިނުމާއެކު ރާއްޖޭގައި ޓެރަރިސްޓު ގުރޫޕުތަކުން ހަމަލާއެއް ދީފާނެ ކަމަށެވެ.

އެހެންކަމުން ފަތުރުވެރިން ގޮސް އުޅޭ ތަންތަނާއި، ދަތުރުފަތުރުގެ މަރުކަޒުތަކާއި، ބާޒާރުތަކާއި ވިޔަފާރި މޯލްތަކާއި، ސަރުކާރުގެ އިދާރާތަކަށް ހަމަލާ އަމާޒުކޮށްފާނެ ކަމަށާއި، ހަމަލާދިނީ ދުރުގައި ހުންނަ ރަށްތަކެއްގައި ކަމަށްވެއްޖެނަމަ ކަމާބެހޭ އިދާރާތަކަށް އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ވަގުތު ނަގާނެ ކަމަށް ސްޓޭޓް ޑިޕާޓުމެންޓުން ވަނީ ބުނެފަ އެވެ.