ނުހައްގު މުއްސަނދިކަން ކުށަކަށް ހަދައި، އެ ކުށް ސާބިތު ވެއްޖެނަމަ 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތު މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރި މީހަކު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދައިފި ނަމަ، އެއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަަށް އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖެވެ.

ސިރާޖު ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ، 50 މެމްބަރުންގެ ވޯޓުންނެވެ.

ފާސްކުރި އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ. އަދި ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާގެ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީ ވެސް ކުށެކެވެ.

މުވައްޒަފުންގެ ފެންވަރެއް ގާއިމްކޮށް ހިފަހައްޓާފައި ވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެކެވެ.

ނުހައްގު މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ މިނިސްޓަރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އެހެންކަމުން، އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. މަޖިލީހުން އެ ބިލު ފާސްކުރީ ކޮމިޓީ މަރުހަލާގައި ގެނައި ދެ އިސްލާހަކާ ވެސް އެކު އެވެ. އެގޮތުން ގާނޫނަށް މާއްދާއެއް ވަނީ އިތުރުކޮށްފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ކުށެއް ކަމަށެވެ. އެ ކުށަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.